އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިރާޤުގެ ވެރިރަށް ބަޣުދާދަށް ވަޑައިގެންފިއެވެ.
މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބަޣުދާދަށް ވަޑައިގެންނެވި މިނިސްޓަރު އިރުތިޝާމަށް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިރާޤުގެ ޕޮލިޓިކަލް ޕްލޭނިންއާ ބެހޭ އަންޑަ ސެކްރެޓަރީ، ސަފީރު އަޙްމަދު ނާއިފެވެ.
މި ސަމިޓުގައި އޯއައިސީގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، ވަފުދުތަކުގެ ވެރިން އަދި މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މި މުހިންމު ބައްދަލުވުމުގައި އިސްލާމީ އުންމަތާ ގުޅުންހުރި މުހިންމު މައްސަލަތަކާއި، އިސްލާމީ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.





