ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު: ވަޒީރު ޝިޔާމް

ދިވެހިރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑޫ ސިޓީ މީދޫގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަކީ ޖަޒީރާ އަދި ބިންތިރި ގައުމަކަށް ވުމުން ދަނޑުވެރިކަން ކުރުމުގައި ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ގައުމުގެ ކާނާގެ ޔަގީންކަން ހޯދުމަކީ ހަމައެކަނި އިގްތިސާދީ ކަމެއް ނޫން ކަމަށާއި، އެއީ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ނުހަނު މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ 90 އިންސައްތައަށްވުރެ ބޮޑުބައި އިމްޕޯޓްކުރަންޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކޮންމެ އަހަރަކު ވެސް 60 މިލިއަން ޑޮލަރުގެ މޭވާއާއި ތަރުކާރީ ބޭރުން އެތެރެކުރާ ކަމަށެވެ. އޭގެ ތެރޭގައި 73 މިލިއަން ރުފިޔާގެ ކަރާއާއި، ވޭތުވެދިޔަ އަހަރު އެކަނިވެސް 105 މިލިއަން ރުފިޔާގެ ކެބެޖާއި ލެޓިއުސް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މިފަދަ ބޮޑު ހޭދައެއް ބޭރުވާތީ، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ރާއްޖޭގައި ހެއްދެން ހުރި ބާވަތްތައް ބޭރުން އެތެރެކުރާ މިންވަރު ވީހާވެސް ބޮޑަށް ދަށްކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން މިހާރަށްވުރެ ހަރުދަނާ އަދި ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ދަނޑުވެރިކަމުގެ ދާއިރާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި ޓެކްނޮލޮޖީގެ އެހީ ހޯދައިދިނުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހަކަމާއެކު މާކެޓަށް ނެރެ ވިއްކޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް