މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް ފާއިތުވި ސެޕްޓެމްބަރު މަހު 7،300 އަށްވުރެ ގިނަ ކޮންސައިމެންޓް މުދާ ކާމިޔާބުކަމާއެކު ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޖުމްލަ 7،340 ކޮންސައިމެންޓް މުދާ ވަނީ ކްލިއާކޮށްފައެވެ. މީގެ ތެރޭގައި 5،673 ކޮންޓެއިނާ ކޮންސައިމެންޓާއި 1،667 ކޮންވެންޝަނަލް ކޮންސައިމެންޓް ހިމެނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ޖުމްލަ 178،197 ޓަނުގެ މުދާ ކްލިއާކޮށްފައިވާއިރު، މާލޭ ވިޔަފާރި ބަނދަރަށް މުދާ ހިފައިގެން 26 ކާގޯ އުޅަނދާއި 14 ކޮންޓެއިނާ ބޯޓު ވަނީ ބަނދަރުކޮށްފައެވެ.
ކާބޯތަކެތީގެ ބާވަތްތަކަށް ބަލާއިރު، އަވަހަށް ހަލާކުވާ ޒަރޫރީ މުދަލުގެ ބާވަތްތައް ވަރަށް ބޮޑަށް ކްލިއާކޮށްފައިވެއެވެ. އެގޮތުން އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ. ސެޕްޓެމްބަރު މަހު ކްލިއާކުރި މުދަލުގެ ތެރޭގައި:
77،595 ޕެކޭޖުގެ ބިސް
41،122 ޕެކޭޖުގެ ފިޔާ
39،582 ޕެކޭޖުގެ ކަރާ
23،610 ޕެކޭޖުގެ އަލުވި
17،102 ޕެކޭޖުގެ ޓޮމާޓޯ
މީގެ އިތުރުން ދޮންކެޔޮ، ކެބެޖު، އަލަނާސި، ބަރަބޯ އަދި ބަށި ފަދަ ތަކެތި ވެސް ވަނީ ކްލިއާކޮށްފައެވެ.
ޕޯޓް އޮޕަރޭޝަންތަކަށް ބަލާއިރު، މި މަހު އަންލޯޑްކުރެވުނީ 7،139 ޓީއީޔޫއެވެ. އަދި ލޯޑްކުރެވުނު ޓީއީޔޫގެ އަދަދަކީ 7،386 ކަމަށްވާއިރު، މުޅި ޖުމްލަ ތްރޫޕުޓް ޓީއީޔޫގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 14،525 އެވެ.
ވިޔަފާރިވެރިންނަށް ކާބޯތަކެއްޗާއި ޒަރޫރީ މުދާ ވީހާވެސް އަވަހަށް، ފަސޭހަކަމާއެކު ކްލިއާ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުތަކުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.





