މާލޭގައި ތަރައްގީކުރަމުން އަންނަ އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ގެ އާ އިމާރާތުގެ މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ މަޝްރޫއު ހިންގާ ރެއިންބޯ ކޮންސްޓްރަކްޝަން (އާރްސީސީ) އިން ހާމަކޮށްފިއެވެ.
އާރްސީސީން ބުނިގޮތުގައި، މި އިމާރާތުގެ މައިގަނޑު ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ފިނިޝިންގެ މަސައްކަތްތައް މިހާރު ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށެވެ. އެގޮތުން ކޮންކްރީޓްކުރުމާއި، ރާނާ ސިމެންތިޖެހުމާއި، ވޯޓާޕްރޫފިންގް މަސައްކަތްތަކުގެ އިތުރުން ކުލަލުމާއި ދަގަނޑުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން މެކޭނިކަލް، އިލެކްޓްރިކަލް އެންޑް ޕްލަމްބިންގް (އެމްއީޕީ) އަދި އޭސީ ސިސްޓަމް (އެޗްވީއޭސީ) ގެ މުހިންމު މަސައްކަތްތައް ވެސް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އަދި ކުރިއަށް އշަަށް އޮތް މަރުހަލާތަކުގައި މުށިޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ އިތުރުން ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އާރްސީސީން ހާމަކޮށްފައިވެއެވެ. މިއާއެކު އަލިފާން ނިއްވާ ނިޒާމާއި، ލިފްޓު ހަރުކުރުމާއި، އިމާރާތުގެ ބޭރު ފާރުތަކުގައި ކްލެޑިން ޖެހުމުގެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފެށޭނެއެވެ. ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ފެންވަރު ރަނގަޅު ތައުލީމީ މަރުކަޒެއް ކަނޑައެޅުނު ތާރީހަށް ނިންމައި ސަރުކާރާ ހަވާލުކުރުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒެވެ.
ޒަމާނީ ފެންވަރަށް ތަރައްގީކުރާ މި އާ އިމާރާތަކީ 40 ކްލާސްރޫމުގެ ޖާގަ ހިމެނޭ، މުޅި އިމާރާތް އެއްކޮށް އޭސީކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހަވާނެހެން މި އިމާރާތުގައި އަންޑަގްރައުންޑް ޕާކިންގް ޒޯނެއް ވެސް ހިމެނޭނެއެވެ.
އަރަބިއްޔާ ސްކޫލަކީ ޒަމާނީ ފެންވަރުގެ، ޖާގަ ތަނަވަސް އަދި އަރަބި ބަހުން ފުޅާ ދާއިރާއެއްގައި ތައުލީމު ދެވޭ މަރުކަޒަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ '"ދިވެހީންގެރާއްޖެ"' މެނިފެސްޓޯގެ ދަށުން ކުރިއަށް ގެންދަވާ މުހިންމު ރިޔާސީ ވައުދުފުޅެކެވެ. އަންނަ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް މި އާ އިމާރާތް ހުޅުވައި، އެތަނުގައި ކިޔަވައިދޭން ފެށުމަށް ސަރުކާރުން ބާރުއަޅުއްވަމުން ގެންދަވާއިރު، މި މަޝްރޫއު އާރްސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 152,945,200.65 ރުފިޔާއަށެވެ. މި އަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ.





