ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު

ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދިން ހާދިސާ ކޮމިޝަނަރ އޮފިސަރ އޮފް ޕޮލިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

 މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 04:29 އެހައިކަންހާއިރު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ. 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލު ވަނީ މަގުމަތީގައި ޖަހާފައިވާ ބެރިކޭޑުގައި ޖެހި، އެއާއެކު ގޮސް ފުލުސް އޮފިސަރުގެ ގައިގައި ޖެހިފައެވެ.

މި އެކްސިޑެންޓުގައި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

މިހާތަނަށް ބެލިބެލުމުން މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލުމުގެ ގަސްތުގައި ހިންގާފައިވާ އަމަލެކެވެ.

  • މި ހާދިސާ ހިނގި ވަގުތު އިތުރު 3 ސައިކަލެއް ބައިވެރިވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

  • އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

  • މިކަމުގައި ޝާމިލުވާ އިތުރު ދެ މީހަކާއި ސައިކަލެއް ލޮކޭޓްކޮށް، އެ މީހުންވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކޮމިޝަނަރ އޮފިސަރ އޮފް ޕޮލިސްގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ. އަދި ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް