މާލޭގެ ކާނޭޝަން މަގު ގޯޅިގަނޑެއްގައި ހުރި ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ނައްޓައި، އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ސައިކަލު ވަގަށް ނަގަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތިން ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ރޭ ފަތިހު 03:55 އެހައިކަންހާއިރު، މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ބީޓަކަށް ކާނޭޝަން މަގު ގޯޅިގަނޑެއްގެ ތެރޭގައި ސައިކަލެއް ކައިރީ ތިން މީހަކު ހަރަކާތްތެރިވަމުންދާތަން ފެނިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ބަލައިފާސްކޮށްފައެވެ.
އެ ވަގުތު، އެތަނުން އެކަކު ސައިކަލަށް އަރައިގެން ކާނޭޝަން މަގަށް ނެރެން އުޅެނިކޮށް ފުލުހުން އޭނާ ހުއްޓުވައި ސުވާލުކުރުމުން، އެ ސައިކަލަކީ އޭނާގެ ދައްތަގެ ފިރިމީހާގެ ސައިކަލެއް ކަމަށް ވަނީ ބުނެފައެވެ. ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑުގެ މައުލޫމާތު އޭނާ ދެއްކި ވާހަކައާ ދިމާވި ނަމަވެސް، ޝައްކުވެގެން ފުލުހުން ސައިކަލުގެ އިންޖީނު ނަންބަރު ޗެކްކުރުމުން އެއީ އަސްލު ނަންބަރު ނޫންކަން ކޮމާންޑް ސެންޓަރު މެދުވެރިކޮށް ކަށަވަރުކުރެވުނެވެ. އިތުރަށް ބަލައިފާސްކުރިއިރު، އެ ސަރަހައްދުގެ ކާނުގަނޑެއްގެ ތެރެއަށް ސައިކަލުގެ އަސްލު ނަންބަރު ބޯޑު އެއްލާލާފައި އޮއްވާ ވަނީ ފެނިފެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ވަނީ ސައިކަލު ޓޯކުރުމުގެ އިތުރުން، ސައިކަލު ވަގަށް ނެގުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތަޅުދަނޑިއާއި ފެނުނު އަސްލު ނަންބަރު ބޯޑު ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.





