ހޯމް މިނިސްޓަރު އަލީ އިހުސާން "އަހާ" ފޯރަމްގައި

ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސްއިން ހިންގަން ނިންމާފައިވާ މަޝްރޫއާ ގުޅޭގޮތުން ގައުމީ ސަލާމަތަށް އަސަރުކުރާނެ ފަދަ ދޮގު މައުލޫމާތާއި ފިތުނަ ފަސާދަ އުފެދޭނެ ވާހަކަތައް ނުފެތުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރު އިހުސާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިގޮތަށް ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ އިސްލާމީ ވަހުދަތަށް އޮތް ނުރައްކަލެއް ކަމަށާއި، ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ބަދަލުގައި އެ ކުންފުނީގެ ޗެއާމަން އަލައްބާރުގެ އަމިއްލަ ސެކިއުރިޓީއަށް މުޅި ރަސްމާލެ ދީފައިވާ ކަމަށް ބުނެ ޒަމްޒަމް ފާރިޝް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި:

  • ރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށްވެސް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިންގާނެއެވެ.

  • ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ގާނޫނީ ފުރިހަމަ ބާރު އެތަންތަނަށް އޮންނާނެއެވެ.

  • އޭނާއަކީވެސް ރާއްޖެ ދިފާއުކުރުމަށް ފުރާނަ ދޫކޮށްލުމަށް ހުވާކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށާއި، ގައުމުގެ ސަލާމަތަށް ގެއްލުންވާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެއެވެ.

ރަސްމާލޭގެ އެއްބަޔަކީ ރާއްޖޭގައި ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ 200 އަށްވުރެ ގިނަ ރަށުގައިވެސް ސެކިއުރިޓީ ބަލަހައްޓަނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެހެން ރަށްރަށެކޭ އެއްގޮތަށް ރަސްމާލޭގައިވެސް ފުލުހުން އެކަން ކުރާނެ ކަމަށާއި، އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރު ބިން އީގަލް ހިލްސްއަށް ދިނުމަށް ނިންމުމާ ގުޅިގެން އިދިކޮޅު އެމްޑީޕީއާއި އާންމުންގެ ބައެއް ކަންބޮޑުވުންތައް ހުރި ނަމަވެސް، ސަރުކާރުން ބުނަނީ:

  • އަމަލީ މަސައްކަތް ފެށުމުގެ ކުރިންވެސް އެޑްވާންސްކޮށް 5,000 ހައުސިން ޔުނިޓު (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު) ދައުލަތަށް ލިބޭނެއެވެ.

  • ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ފައިސާ ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ އެސްކްރޯ އެކައުންޓަކަށް ކަމަށްވާތީ، ޑޮލަރުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބޭނެއެވެ.

  • އެސްއީޒެޑް ނުވަތަ ޓޫރިޒަމް ގާނޫނުގެ ދަށުން އެއްވެސް ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާނެ ކަމަށާއި، ޓީޖީއެސްޓީއާއި އެހެނިހެން ޓެކްސްތައް ދައުލަތަށް ފުރިހަމައަށް ލިބޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް