ހުޅުމާލޭގެ އަމީން އެވެނިއު ކައިރިން ދުއްވާފައިދިޔަ ކާރަކާއި ފުލުހުން ދުއްވި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލުގައި ތިބި ދެ ފުލުހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ އަމީން އެވެނިއު ކައިރިން މަގަށް ނުކުތް ސައިކަލަކާއި ކާރެއް ޖެހިގެންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓުގައި އަނިޔާވި ދެ ފުލުހުން ބިންމައްޗަށް ވެއްޓިފައިވަނިކޮށް މީހުން ވަނީ އެމީހުންނަށް އެހީތެރިވެފައެވެ. އަދި އޭގެތެރެއިން އެއް ފުލުހަކު ސްޓްރެޗާއަކަށް އަރުވައި، އެމްބިއުލާންސަށް ވެއްދި މަންޒަރުވެސް ވަނީ ފެނިފެވެ. ނަމަވެސް އެ ދެ ފުލުހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވަމުންދާތީ، މަގުތަކުގެ ސަލާމަތްރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަންނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް 9,913 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުގެ މައްސަލަތަކެވެ. އެގޮތުން މިހާތަނަށް 2,379 އެކްސިޑެންޓު ވަނީ ރިޕޯޓުކޮށްފައެވެ.





