އދ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް މިހާރު ވެސް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން މިވަގުތު މައިގަނޑު ގޮތެއްގައި ކުރަމުންދަނީ ބަނދަރުގެ ބޭރު ކީ ވޯލް ބްލޮކް ރިވެޓްމަންޓް ޝަޓަރިންގެ މަސައްކަތާއި ކޮންކްރީޓާ ގުޅުންހުރި އެކި މަސައްކަތްތަކެވެ.
މި މަޝްރޫއަކީ 2023 ޖުލައި 17 ވަނަ ދުވަހު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ. 72 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 630 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫއުގެ މަސައްކަތްތައް ނިމިގެންދާއިރު، އޮމަދޫ ރައްޔިތުންނަށް ބަނދަރުގެ ދަތިކަމަށް ދިގުދެމިގެންދާ ފަހުރުވެރި އަދި ލުއި ފަސޭހަ ހައްލެއް ލިބިގެންދާނެއެވެ.
އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އާ ބަނދަރުގެ 49,765 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 12,105 ކިއުބިކް މީޓަރަށް ނެރު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 398 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ޖެހުމާއި، 208 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމާއި، 346.10 މީޓަރުގެ އެއްގަމު ދޮށި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއުގެ އިތުރު ތަފްސީލުތަކަށް ބަލާއިރު، 346.10 މީޓަރަށް ސްކޯރިން އެޕްރޮން ޖެހުމާއި، 87 މޫރިން ރިންގް ހަރުކުރުމާއި، 11 މޫރިން ބޮއި ހަރުކުރުމުގެ އިތުރުން 90 އަކަ މީޓަރުގެ ރޭމްޕެއް ހެދުން ހިމެނެއެވެ. އަދި އެކްސެސް ޕްލެޓްފޯމެއް އެޅުމާއި، 150 މީޓަރަށް ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2 ނެވިގޭޝަން ލައިޓާއި 18 މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ. މީގެއިތުރުން ޕޭވްމަންޓް ހަދައި، ބަނދަރު މުޅިން ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް ނިންމާލެވޭނެއެވެ.





