ސްޓެލްކޯއިން ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މިކަމަށްޓަކައި އެ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވާރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.
މި ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ ޔުޓިލިޓީ ހިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނަށް ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހިދުމަތާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށްފަހު، ޑރ. އަޒުވަރާއި ކުންފުނީގެ އިސްވެރިން ވަނީ އެ ސިޓީގެ އޮފީހާއި އިންޖީނުގެއަށް ޒިޔާރަތްކުރައްވައި، އިންޖީނުތަކުގެ ހާލަތާއި ކަރަންޓު އުފެއްދުމުގެ ނިޒާމު ހުރިގޮތް ބައްލަވާލައްވާފައެވެ.





