މުރައިދޫ ޕޮލިސް ޕޯސްޓް ފުރާޅު ލުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ ރަށްރަށުގައި ޤާނޫނާއި ޤަވާއިދު ނަގަހައްޓައި، ރައްޔިތުންނަށް ރައްކާތެރި އަދި އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، ހއ. މުރައިދޫގައި އަލަށް އިމާރާތްކުރަމުން އަންނަ ޕޮލިސް ޕޯސްޓްގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ  އިމާރާތުގެ ފުރާޅުގައި ޝީޓް ހަރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، ކުރިއަށް އޮތް ތަނުގައި އިމާރާތުގެ އެތެރެއާއި ބޭރުގެ ފިނިޝިންގ މަސައްކަތްތައް ވެސް ފެށިގެންދާނެއެވެ.

ރަށްރަށުގައި ޤާއިމުކުރެވޭ މިފަދަ ޕޮލިސް ޕޯސްޓްތަކުގެ ސަބަބުން ރަށުގެ އަމަންއާމާންކަން ބެލެހެއްޓުމަށާއި، ކުށްމަދުކުރުމަށް އަދި ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް ވީ އެންމެ ގާތުން ފޯރުކޮށްދިނުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެމް.ޓީ.ސީ.ސީން މި މަޝްރޫޢާ ޙަވާލުވެ، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އަދި ފެންވަރު ރަނގަޅު ގޮތަކަށް މަސައްކަތް ނިންމުމަށް އަންނަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.

މި މަޝްރޫޢަށް ޚަރަދުވާ ފައިސާގެ ޢަދަދަކީ ސަރުކާރުން މިފަދަ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ބަޖެޓުގެ ދަށުން، ޕޮލިސް ޕޯސްޓްތައް ތަރައްޤީކުރުމަށް ހިންގޭ ޕްލޭނެއްގެ ތެރެއިން ހަމަޖެހިފައިވާ ޢަދަދެކެވެ. މި މަޝްރޫޢު މުޅިން ނިމިގެންދިއުމާއެކު، މުރައިދޫ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ފުލުހުންގެ މަރުކަޒެއް ލިބި، ރަށުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް