ރައީސް މުއިއްޒު ޕާކިސްތާންގެ ރައީސް ޝެހްބާޒް ޝަރީފްއާއެކު

ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 20 އިން 22 އަށް އެ ގައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިއީ 2015 ވަނަ އަހަރުގެ މެއި މަހު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ދަތުރުފުޅަށްފަހު، ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ވަޒީރުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދަކާއެކު އިސްލާމްއާބާދަށް ކުރައްވާ މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ރައީސް އާޞިފް އަލީ ޒަރުދާރީއާ ރައީސް މުޢިއްޒު ވަކިވަކިން ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގެ ރަސްމީ މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ސަރަޙައްދީ މަސްލަޙަތުގެ އިތުރުން ސާކް ޖަމިއްޔާ އަލުން ހަރަކާތްތެރި ކުރުވުމާ ގުޅޭގޮތުން ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، އދ. އަދި އޯއައިސީ ފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން 12 ވަރަކަށް އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް ވަނީ ތައްޔާރުވެފައެވެ. އޭގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ އެއްބަސްވުމާއި، ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ފަހުމުނާމާގެ އިތުރުން މަތީ ތަޢުލީމާއި ދިރާސާގެ ދާއިރާއިންނާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ.

އަދި މީގެ އިތުރުން މާލީ ދާއިރާ، ޓެކްނޮލޮޖީ، މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުން، ފަތުރުވެރިކަން، މޫސުމަށް އަންނަ ބަދަލުތައް އަދި މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް