ރަސްމާލޭން ބޮޑު ބިމެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދީގެން ހިންގަން ނިންމާފައިވާ މަޝްރޫއާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް އާންމު ފެންނަނުފެންނަ ވޯޓެއް ނަގައި، ރައްޔިތުން ނިންމާ ގޮތެއް ބެލުމަށްފަހު ނޫނީ އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ އެއްވެސް ސިޔާސަތެއް އެކަށައެޅުމުގެ ބާރު ނުވަތަ އެފަދަ އެއްބަސްވުމެއް ހެދުމުގެ އިހުތިޔާރު ސަރުކާރަކަށް ނޯންނާނެ ކަމަށެވެ. އަދި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ، މިއީ ސީދާ ދިވެހި ރައްޔިތުން ގޮތް ނިންމަންޖެހޭ ކަމެއް ކަމަށް އެ ޕާޓީން ފާހަގަކުރިއެވެ.
ބޭރުގެ އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާކަން ފާހަގަކުރައްވަމުން އެމްޑީޕީން ބުނީ، މި މަޝްރޫއާ ގުޅިގެން އީގަލް ހިލްސްއިން އާންމުކުރި މައުލޫމާތާއި ސަރުކާރުން ހާމަކުރި މައުލޫމާތު ދިމާނުވާތީ ނުހަނު ކަންބޮޑުވާ ކަމަށެވެ. އެހެންކަމުން، މިދިޔަ މަހުގެ 21 ގައި ސޮއިކުރި އެއްބަސްވުމުގެ މުއްދަތާއި، ދައުލަތުގެ މާލީ އިލްތިޒާމުތަކާއި، ބޭރުގެ ކުންފުންޏަށް ދޭ މާލީ ލުއިތަކުގެ ތަފްސީލު އާންމުކުރުމަށް ވަނީ ގޮވާލާފައެވެ. މީގެއިތުރުން، މި މުއާމަލާތުގެ ސަބަބުން ބިދޭސީންނަށް ދިވެހި ބިމުގެ ދާއިމީ މިލްކުވެރިކަމުގެ ހައްގެއް އުފަންވެދާނެތޯ ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ވަނީ އެއްބަސްވުން ދިފާއުކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ ދިވެހިންނަށް ގެއްލުންވާނެ ނުވަތަ ގައުމީ މަސްލަހަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއް މި އެއްބަސްވުމުގައި ނުހިމެނޭނެ ކަމަށެވެ.





