ރ. ފުއްގިރީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައި، މައްސަލައިގެ ހުކުމް އިއްވުން މި މަހުގެ 29 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.
ގާޒީ އަލީ ނަދީމް މިއަދު އަޑުއެހުންތައް ނިންމަވާލެއްވީ މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމަށްފަހުއެވެ.
ޚުލާސާ ބަޔާން އިއްވަވަމުން ރައީސް ޔާމީންގެ ދިފާއުން ފާހަގަކުރެއްވީ އެ މަނިކުފާނުގެ މައްޗަށް ކުރާ ދަޢުވާގެ އަސާސެއް ނެތް ކަމަށާއި، ހެކީގެ ގޮތުގައި ހުށަހެޅި އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަހުގެ ސައްޙަކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
އަދި އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރު މާރުކޮށްގެން ލިބުނު ފައިސާ ކަމަށް ދިފާއުން ބުނި ނަމަވެސް، ދައުލަތުން ވަނީ އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހޯދި ފައިސާ ކަމަށް ބުނެ، ޑޮލަރު މާރުކުރުމުގެ ދިފާއު ބަލައިނުގަތުމަށް ކޯޓުގައި އެދިފައެވެ.




