ގައުމެއްގެ ކުރިއެރުން ބިނާވެފައިވަނީ ތައުލީމާއި އަހުލާގުގެ މައްޗަށް: ވަޒީރު ހީނާ

ގައުމެއްގެ ދިރުމާއި ކުރިއެރުން ބިނާވެފައިވަނީ އެ ގައުމެއްގެ ދަރިންނަށް ފެންވަރު ރަނގަޅު ތައުލީމާއި އިސްލާމީ މާތް އަހުލާގުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ތަރުބިއްޔަތެއް ފޯރުކޮށްދެވިގެން ކަމަށް، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މާލޭ ސެންޓްރަލް ހޮޓެލްގައި އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ މުދައްރިސުންގެ އަގުވަޒަންކުރުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަދުގެ މުޖުތަމައަށް އެންމެ ބޮޑަށް ބޭނުންވަނީ ތައުލީމާއި ރިވެތި އަދަބު އަހުލާގުން ޒީނަތްތެރިވެފައިވާ، އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް ފުރިހަމައަށް އިހުތިރާމުކުރާ އޯގާތެރި ޖީލެއް ކަމަށެވެ. އަދި މިފަދަ ގާބިލު އަދި އަހުލާގު ރަނގަޅު ޖީލެއް ބިނާކުރުމުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރަނީ ލޮބުވެތި މުދައްރިސުން ކަމަށްވާއިރު، އެ ބޭފުޅުން ކުރައްވާ މަތިވެރި މަސައްކަތަކީ އަގުނުކުރެވޭ ފަދަ ބޮޑު ގުރުބާނީއެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޅަދަރިންނަކީ ގައުމުދެކެ ލޯބިވާ، މާތްވެގެންވާ އިސްލާމްދީނަށް ފުރިހަމައަށް ހުރުމަތްތެރިކޮށްހިތާ، އަދި ދިވެހީންގެ އަގުހުރި ގައުމިއްޔަތު ކުރިއަށް އޮތް ޖީލުތަކަށް ދަމަހައްޓާނެ ފަޚުރުވެރި ދަރިންތަކެއްގެ ގޮތުގައި ބޮޑެތިކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި ސްކޫލުތަކާއި، މުދައްރިސުންގެ އިތުރުން ބެލެނިވެރިންނާއި ކަމާބެހޭ އެންމެހައި ފަރާތްތަކުން ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި، އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ މުދައްރިސުންގެ ތެރެއިން ތައުލީމީ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވި އަދި އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލަޔާއި އިނާމު ދީފައިވެއެވެ. އަދި މި ހަފްލާ ކުލަގަދަ ކުރުމުގެ ގޮތުންނާއި، މުދައްރިސުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބެލެނިވެރިންގެ ފަރާތުން ވަނީ ތަފާތު ހާއްސަ ހަރަކާތްތަކަކާއި ހުށަހެޅުންތަކެއް ވެސް ހުށަހަޅައިދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް