ބޭންކް އޮފް މޯލްޑިވްސް

މިއަހަރުގެ ތިންވަނަ ކުއާޓާގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާގެ އަދަދު 2.86 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ.

ބީއެމްއެލްއިން ހާމަކުރި ގޮތުގައި މިއީ 373,600 އަށްވުރެ ގިނަ ރެމިޓަންސް މުއާމަލާތް މެދުވެރިކޮށް ފޮނުވި ފައިސާއެވެ. އަދި މި މުއްދަތުގައި ކަސްޓަމަރުންނަށް 722 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މުޅި އަހަރު ފޯރުކޮށްދިން 733 މިލިއަން ޑޮލަރާ އެއްވަރުގެ އަދަދެކެވެ. މިއަހަރުގެ ފުރަތަމަ ނުވަ މަހު ރެމިޓަންސްއާއި ކާޑު ސެޓްލްމަންޓްތަކުން ބޭންކަށް 2.96 ބިލިއަން ޑޮލަރު ވަދެފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

ފުރަތަމަ ނުވަ މަސްދުވަހު ބީއެމްއެލްއިން ދޫކުރި ބޭރު ފައިސާގެ ތަފްސީލަށް ބަލާއިރު، ކާޑު މުއާމަލާތްތަކަށް 336 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. އޭގެ ތެރެއިން 62 އިންސައްތަ ނުވަތަ 208 މިލިއަން ޑޮލަރު ހޭދަވީ އީ-ކޮމާސް މުއާމަލާތްތަކަށެވެ. މީގެއިތުރުން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) އަށް 224 މިލިއަން ޑޮލަރު، ދަތުރުފަތުރަށް ނަގުދު ފައިސާގެ ގޮތުގައި 86 މިލިއަން ޑޮލަރު، ތައުލީމީ ކަންކަމަށް 40 މިލިއަން ޑޮލަރު އަދި ސިއްހީ ބޭނުންތަކަށް 33 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ.

ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ޑޮލަރު ހޯދުމުގެ ހޭދަ ބޮޑުވުމާއި އެތެރޭގެ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވުމަކީ ބޭރު ފައިސާގެ ވަސީލަތްތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ޚާއްޞަކޮށް ސެޕްޓެމްބަރު މަހަކީ ބޭރުގައި ކިޔަވާ ދަރިވަރުންގެ އާ އަހަރު ފެށޭ ދުވަސްވަރު ކަމަށްވާތީ ތައުލީމީ ކަންކަމަށް އާންމު މަހަކަށްވުރެ ދެގުނަ އިތުރަށް (8.2 މިލިއަން ޑޮލަރު) ދޫކުރަންޖެހުނުކަން ބޭންކުން ފާހަގަކުރެއެވެ. މި ގޮންޖެހުންތައް މެނޭޖްކުރުމަށް ބޭރު ފައިސާގެ ޑިޕޮސިޓްތައް އިތުރުކުރުމާއި ދިގުމުއްދަތުގެ ފަންޑިން ހޯދުމުގެ މަސައްކަތް ބޭންކުން ދަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް