އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރައްވަމުންދާތީ އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، އެމަނިކުފާނުގެ ރަނިންމޭޓަކަށް މާލޭގެ މޭޔަރު އާދަމް އާޒިމް ހަމަޖެއްސެވިކަން ހާމަކުރެއްވުމާ ގުޅިގެން ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރަނިންމޭޓު ކަމަކީ އެހެން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށް އިއްތިހާދުވުމުގައި އެމްޑީޕީއަށް އޮތް ބޮޑު ފައިދާއެއް ކަމަށެވެ. އަދި އެ ފައިދާ ގެއްލޭ ގޮތަށް ކެންޑިޑޭޓުން އަމަލުނުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ރިޔާސީ އިންތިޚާބާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަމަލުކުރައްވާ ގޮތެއް ބެލުމާއި، އެއްބުރުން އެމްޑީޕީއަށް އިންތިޚާބު ކާމިޔާބުކުރެވޭނެ ފޯމިއުލާއެއް ހޯދުން މުހިންމުކަން ނަޝީދު ފާހަގަކުރެއްވިއެވެ. 2028 ގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް މިހާތަނަށް ހަތަރު ބޭފުޅަކު ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާއިރު، ރަނިންމޭޓަކު އިއުލާންކުރެއްވީ ފައިސަލް ނަސީމް އެކަންޏެވެ.





