ބީއޯސީގެ އެކައުންޓަކުން ސައްހަނޫން ލިޔުމެއް އުފައްދައިގެން ފައިސާ ނެގި މައްސަލައިގައި ކުރީގެ މުވައްޒަފު ޖަލަށްލާން ހުކުމްކޮށްފި

ބޭންކް އޮފް ސިލޯން (ބީއޯސީ) މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން އޭނާއަށް ނޭނގި ސައްހަނޫން ލިޔުމެއް އުފައްދައިގެން ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރު ޓްރާންސްފާ ކުރި މައްސަލަ ސާބިތުވެ، އެ ބޭންކުގެ ކުރީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު އަދި ކޮމްޕްލަޔަންސް އޮފިސަރު މ. މާހިންނެ، ޙަސަން ވަޙީދު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

2019 ވަނަ އަހަރުން ފެށިގެން ހިނގަމުންދިޔަ މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލި އެނގިހުރެ ސައްހަނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ވަނީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވެފައެވެ.

މި މައްސަލައިގެ ތަހުގީގުންނާއި ޝަރީއަތުގެ ނިންމުމުން އެނގޭ ގޮތުގައި، ޙަސަން ވަޙީދު ވަނީ ބީއޯސީގެ އަންހެން ކަސްޓަމަރެއްގެ އެކައުންޓުން އޭނާއަށް ނޭނގި 150،000 ޑޮލަރު ޓްރާންސްފާ ކުރުމަށްޓަކައި ސައްހަނޫން ޓްރާންސްފާ ރިކުއެސްޓެއް އަމިއްލައަށް ތައްޔާރުކޮށް، އެހެން އެކައުންޓްތަކެއް މެދުވެރިކޮށް އެ ފައިސާ ދައުރުކޮށްފައެވެ. މި މައްސަލައިގައި ކުށް ސާބިތުވި މުހިންމު ހެކިތަކުގެ ތެރޭގައި ޙަސަން ވަޙީދު ބޭނުންކުރި ސީޕީޔޫއިން ފެނުނު ޓެމްޕަރަރީ ފައިލްތަކާއި، ސީސީޓީވީ ފުޓޭޖުގެ އިތުރުން ސޮއި ފޯޖުކޮށްފައިވާކަން ކަށަވަރުވި ފޮރެންސިކް ރިޕޯޓްތައް ހިމެނެއެވެ.

ކްރިމިނަލް ކޯޓުން ވަނީ ގާނޫނުލްއުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ ދަށްކޮށް، އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށަށް ދެ އަހަރާއި ނުވަ މަހާއި 11 ދުވަހުގެ ޖަލު ހުކުމަކާއެކު 144،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ކުށަށް ހަ މަހާއި 18 ދުވަހުގެ ޖަލު ހުކުމަކާއެކު 18،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް