ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ނޮވެމްބަރު 17 އަށް ހައްލުކުރަނީ

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިން ކަނޑައެޅި ތާރީޚު އަވަސްކޮށް، މި އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެ މައްސަލައަށް އެއްކޮށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރިން އަންނަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހަށް ނިންމަން ރޭވި މި މަސައްކަތުގެ ސުންގަޑި އަވަސްކުރަން ރައީސް އިރުޝާދު ދެއްވުމާ ގުޅިގެން، އެ ތާރީޚަށް އަމާޒުހިފައިގެން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ރެކޯޑުތަކުން 295،000 ބިދޭސީން ރާއްޖޭގައި އުޅޭކަމަށް ދެއްކި ނަމަވެސް، ފިންގަރޕްރިންޓް ނެގިފައިވަނީ އެންމެ 22،000 މީހުންގެއެވެ. ނަމަވެސް، ސަރުކާރުން ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 260،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ ދެނެގަނެވިފައެވެ.

މިހާރު ބަޔޯމެޓްރިކް މައުލޫމާތު ނުނެގި ބާކީ ތިބީ މުޅި ބިދޭސީ އާބާދީގެ އެންމެ އެކެއް އިންސައްތަ މީހުންނެވެ. އެއީ ގާތްގަނޑަކަށް 800 އަށްވުރެ ގިނަ ބިދޭސީން ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން މަރުވެފައިވުމާއި އަދި ބައެއް މީހުން އުޅޭނޫޅޭތަން އެމީހުން ގެނެސްދިން ފަރާތްތަކަށްވެސް ނޭނގޭތީ، އެ އެންމެންނަކީ މިވަގުތު ރާއްޖޭގައި ތިބި މީހުންކަން ޔަގީންނުކުރެވޭ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް