ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީއޭއޭ 2" އިން "ސީއޭއޭ 1" އަށް އަދި އިޤްތިޞާދީ އައުޓްލުކް "ސްޓޭބަލް" އަށް މަތިކުރުމުން ހާމަވެގެންދަނީ ސަރުކާރުން ގެންގުޅުއްވާ މާލީ ސިޔާސަތުތަކުގެ ހަރުދަނާކަން ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ކާމިޔާބު ނަތީޖާއެކެވެ.

ވަޒީރު ޒަރީރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ މި ދަނޑިވަޅުގައިވެސް، ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ސަރުކާރު ސާބިތުވެ ދެމިއޮންނާނެއެވެ. މޫޑީސްއިން ރާއްޖޭގެ ރޭޓިން މަތިކުރީ ދިވެހި ސަރުކާރުން ބޮޑެތި ދަރަނިތަކެއް ދައްކައި، މާލީ ރައްކާތެރިކަން ކަށަވަރު ކުރަން އެޅި ފިޔަވަޅުތަކާއެކު، ކައިރި މުސްތަގުބަލެއްގައި ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ބޮޑުތަނުން ކުޑަވުމާ ގުޅިގެންނެވެ.

މާލީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ރޭޓިން މަތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މިއަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކައި ހަލާސްކުރުން ހިމެނެއެވެ. އަދި މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތައް ދެއްކުމާއި، 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑެއް ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރަށް އިތުރުކުރެވުމަކީ މާލީ ތާށިކަން ކުޑަވެގެންދިޔަ މުހިންމު ސަބަބުތަކެކެވެ.

މީގެއިތުރުން، 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ތަންފީޒުކުރަން ފެށި ބޭރު ފައިސާއާ ގުޅޭ ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގެ ހުރި ފައިސާ އިތުރުވެފައިވާކަން މޫޑީޒްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން — ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރު ހިމެނޭހެން ޖުމްލަ 130 މިލިއަން ޑޮލަރުގެ އެހީ ލިބުމަކީވެސް މާލީ ފުދުންތެރިކަން ވަރުގަދަވި ކަމެކެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) 129.2 އިންސައްތައިގައި ހުރި ދައުލަތުގެ ދަރަނި، 2026 ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ދަށްވެފައެވެ. މެދުއިރުމަތީގެ ހަނގުރާމައާ ހެދި ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުމުގެ ގޮންޖެހުންތަކަށް ސަމާލުކަންދޭ ހާލު، ރައްޔިތުންގެ އަސާސީ ކަންކަން ރައްކާތެރިކުރުމަށާއި ދައުލަތުގެ ހަރަދުތައް ބަޖެޓުގެ ތެރޭގައި ހިފެހެއްޓުމަށް ސަރުކާރުން އިސްކަންދޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް