ރަސްމާލޭގައި ތަރައްޤީކުރުމަށް ރާވަމުންދާ "މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ" މަޝްރޫޢުގައި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި ފަހިކޮށްދެއްވާނެ ކަމަށް އެ މަޝްރޫޢުގެ މައި ޑިވެލޮޕަރ، އީގަލް ހިލްސްގެ ޗެއަރމަން މުޙައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާއި ސަރުކާރުގެ ވަޒީރުންނާއި އިސް އޮފިޝަލުންނާއެކު ޑުސިޓް ޑީޓޫ ފޭދުއްފިނޮޅުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި އަލައްބާރު ވިދާޅުވީ، ރާއްޖެއަށް އިންވެސްޓް ކުރުމުގައި އޭނާގެ މައިގަނޑު ވިސްނުމަކީ ހަމައެކަނި ބޭރުގެ ފަރާތްތަކަށް މާލީ ފައިދާ ލިބުމުގެ ބަދަލުގައި، ދިވެހި ރައްޔިތުންނަށް އޭގެ ނަފާ ސީދާ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ދިވެހިންނަށް އިންވެސްޓްކުރުމުގެ ފުރުސަތު ދިނުމަކީ އެހެން ގައުމުތަކުގައި އާންމުކޮށް ކުރާ ކަމެއް ނޫން ނަމަވެސް، ރާއްޖޭގައި އެ ފުރުސަތު ފުރަތަމަ ފަހަރަށް ފަހިކޮށްދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މަޝްރޫޢުގެ ހުރިހާ މާލީ މުޢާމަލާތްތަކެއް ހިންގާނީ ދިވެހިރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ކަމަށާއި، ބޭރުގެ ބޭންކުތަކުގައި ފައިސާ ނުބަހައްޓަވާނެ ކަމަށް އަލައްބާރު ފާހަގަކުރެއްވިއެވެ. އަދި މަސައްކަތް ކުރިއަށްދާނީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް، ރާއްޖެވަންތަ ސިފަތަކާއެކު ސަރުކާރާ ގާތުން ގުޅިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީގަލް ހިލްސްގެ އަމާޒަކީ ރަސްމާލެ މެރީނާ މަޝްރޫޢުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ފެށުން ކަމަށްވާއިރު، މި ބައްދަލުވުމަކީ ދިވެހި ވިޔަފާރިތަކުގެ ކަންބޮޑުވުންތަކަށް ޖަވާބުދީ، ޚިޔާލު ހޯދުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.





