މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ދެވޭ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. ކޮންމެ އަހަރެއްގެވެސް ޑިސެންބަރު 10 ގައި ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.

މިއަހަރު ދިނުމަށް ކަނޑައަޅާފައިވާ ހަތަރު އެވޯޑުގެ ތެރޭގައި 35 އަހަރުން ދަށުގެ ޒުވާން ކެޔޮޅުގެ އެވޯޑާއި، 35 އަހަރުން މަތީގެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑާއި، ފަރުމަސްވެރިޔާގެ އެވޯޑުގެ އިތުރުން މުޅިން އަލަށް ހިމެނި ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު ހިމެނެއެވެ.

މި އެވޯޑުތަކަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު އޮތްއިރު، ޝަރުތުފުރިހަމަވާ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު މި މަހުގެ 29 ވަނަ ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ފޯމުތައް ވުޒާރާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް