ތައިލެންޑުގެ ވެރިރަށް ބެންކޮކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ ދިވެހިންގެ ތެރޭގައި، މީގެ ހަ އަހަރު ކުރިން ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވުނު ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިޝާމް (34 އ) ހިމެނޭކަން ހާމަވެއްޖެއެވެ.
ވިޝާމަކީ ޑިސެމްބަރު 2020 ގައި "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯންޏެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 72 ކިލޯގެ ޑްރަގް މައްސަލައިގައި ދައުލަތުން ދައުވާކުރި 10 މީހުންގެ ތެރެއިން އެކެކެވެ. ނަމަވެސް، މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ބަލައި ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ދައުލަތުން ވަނީ ފަހުން އޭނާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފައެވެ.
ތައިލެންޑް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވިޝާމްއާއެކު އުމުރުން 46 އަހަރުގެ އަލީ ރަޝީދު ހައްޔަރުކުރީ ބެންކޮކްގެ ޕްރާތުނާމް ސަރަހައްދުގައި ހުންނަ ކާގޯ އޮފީހަކަށް ފޮނުވި ޕާރުސަލްތަކަކުން ނުބައި ވަސް ދުވާތީ އެ އޮފީހުން ރިޕޯޓްކުރުމާ ގުޅިގެންނެވެ. އެ މީހުން ތިބި ސޫކުމްވިޓް ސަރަހައްދުގެ ކޮޓަރި ފާސްކުރިއިރު، ތަރުމޯސްތަކާއި ކުޑަކުދިންގެ އަންނައުނު ތެރޭގައި ފޮރުވާފައި ހުރި 2.37 ކިލޯގެ ކްރިސްޓަލް މެތު (އައިސް) އާއި 10 ކިލޯގެ ކެނަބިސް ވަނީ ފެނިފައެވެ.
ތައިލެންޑް ފުލުހުން ބުނި ގޮތުގައި އެ ދެ މީހުންނަކީ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ހިންގާ ބައެކެވެ. ނަމަވެސް ތަހުގީގުގައި އެ މީހުން ވަނީ ޕާރުސަލްތަކުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށާއި އެއީ ރައްޓެއްސަކު ބުނެގެން ކާގޯ ކުރަން ފޮނުވި ސާމާނުތަކެއް ކަމަށް ބުނެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.





