ދައުލަތުގެ އާމްދަނީ 1.8 އިންސައްތަ އިތުރުވެއްޖެ

ޓީ.ޖީ.އެސް.ޓީ އާއި އެއާޕޯޓް ސާވިސް ޗާޖުން ލިބުނު އާމްދަނީ އިތުރުވުމާ އެކު، ދައުލަތުގެ އާމްދަނީއަށް 1.8 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.

މާލީ ވުޒާރާއިން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، ޓީ.ޖީ.އެސް.ޓީ އާއި އެއާޕޯޓް ސާވިސް ޗާޖުން ލިބުނު އާމްދަނީ އިތުރުވުމާ އެކު، ދައުލަތުގެ އާމްދަނީއަށް 1.8 އިންސައްތައިގެ ކުރިއެރުމެއް ލިބި، ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 30.879 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.342 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށާއި، މި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 5.8 އިންސައްތަ އިތުރުވެ 23.835 ބިލިއަން ރުފިޔާއަށް އެރުން ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޓީ.ޖީ.އެސް.ޓީ އަދި އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްއިންނެވެ. އެގޮތުން ފަތުރުވެރިކަމާ ގުޅުންހުރި ޓީ.ޖީ.އެސް.ޓީއިން 8.062 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 8.2 އިންސައްތަ އިތުވެ 1.529 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ އިތުރުން ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް އަދި އިމްޕޯޓް ޑިއުޓީއާއި ޖީ.އެސް.ޓީއިން ވެސް ރަނގަޅު ކުރިއެރުންތަކެއް ހޯދާފައިވެ އެވެ. އަދި ދައުލަތަށް ލިބުނު ހިލޭ އެހީ ވަނީ 84.7 އިންސައްތަ އިތުރުވެ 0.513 ބިލިއަން ރުފިޔާއަށް މަތިވެފަ އެވެ.

ނަމަވެސް، އާމްދަނީއަށްވުރެ ބޮޑު މިންވަރަކަށް ދައުލަތުގެ ޖުމްލަ ހަރަދު ވަނީ މަތިވެފަ އެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 35.456 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.2 އިންސައްތައިގެ އިތުރުވުމެކެވެ. ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗާ 18.5 އިންސައްތަ އިތުވެ 30.653 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ސަބަބިޑީ އާސަންދައަށެވެ. އެގޮތުން ސަބަބިޑީއަށް ކުރި ހަރަދު 75.1 އިންސައްތަ އިތުރުވެ 4.203 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މީގެއިތުރުން ތަރައްގީގެ މަޝްރޫއުތަކަށް ހިންގާ ކެޕިޓަލް އެކްސްޕެންޑިޗާ ވެސް ވަނީ 15.9 އިންސައްތަ އިތުރުވެ، 4.804 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް