ހެޔޮވެރިކަމެއްގެ ހަގީގީ މިންގަނޑަކީ ހަމައެކަނި މުއައްސަސާތައް ގާއިމުވެފައި ހުރުން ނޫން ކަމަށާއި، ރައްޔިތުންގެ އިތުބާރު ހޯދޭނީ ނަތީޖާ ނެރެދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
"އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، އަދި ފުރުސަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމައުތައް ބާރުވެރިކުރުވުން" މި ޝިއާރުގެ ދަށުން ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރެސީއެއްގެ އެންމެ މުހިންމު ބަހާއަކީ ރައްޔިތުންނަށް އިސްކަންދިނުމާއި ދެފުށް ފެންނަ ޖަވާބުދާރީވަނިވި ނިޒާމެއް އޮތުން ކަމަށް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ސަރުކާރަކަށް ނުވަތަ މުއައްސަސާއަކަށް ރައްޔިތުންގެ ހަގީގީ އިތުބާރު ބިނާވެގެންދާނީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި، ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަމުގެ އިތުރުން އަމަލީގޮތުން ނެރެވޭ ނަތީޖާގެ މައްޗަށެވެ.
ރާއްޖެ ފަދަ ޖަޒީރާވަންތަ ގައުމެއްގައި ރައްޔިތުންނަށް ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށް ޑިޖިޓަލް ވަސީލަތްތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން، "އީފާސް" ފަދަ ޒަމާނީ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަކަން ލިބި، ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެއިތުރުން، ގާނޫނު ހަދާ މަޖިލިސްތަކުގެ ދައުރަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ މަޖިލިސްތަކުގެ މަސްއޫލިއްޔަތަކީ ހަމައެކަނި ގާނޫނުތައް ފާސްކުރުން ނޫން ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވަމުންދާގޮތް ބެލުމާއި ދައުލަތުގެ މާލިއްޔަތާއި ވަސީލަތްތައް ޒިންމާދާރުކަމާއެކު ހޭދަކުރެވޭކަން ކަށަވަރުކުރުމަކީ ވެސް ލާޒިމު ކަމެއް ކަމުގަ އެވެ.
ދުނިޔޭގެ މަސްރަހަށް އަލިއަޅުއްވާލައްވަމުން، ހެޔޮވެރިކަމަކީ ސުލްހަމަސަލަސްކަމާ ސީދާ ގުޅިފައިވާ ކަމެއްކަން ބަޔާންކުރައްވައި، ފަލަސްތީނާއި މެދުއިރުމަތީގެ އިތުރުން އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާގެ މަގު އިހުތިޔާރުކުރުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހުރިހާ ގައުމުތަކަކަށް ގޮވާލެއްވި އެވެ. އަދި ރައްޔިތުންގެ އަޑުއަހާ، ނަތީޖާ ނެރެދޭ މަޖިލިސްތަކެއް ބިނާކުރުމަށްޓަކައި އައިޕީޔޫ މެދުވެރިކޮށް ދުނިޔޭގެ ގައުމުތަކާއެކު ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.





