ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

މަޑުޖެހިފައިވާ ތަރައްގީގެ މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް މިއަދު އިރުޝާދު ދެއްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ވަނީ ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ އޮފީހުން ބުނި ގޮތުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތަކެތި ހޯދުމުގައި ދިމާވި ދަތިތަކަށް މިހާރު ވަނީ ހައްލުތަކެއް ހޯދާފައެވެ. އެއާއެކު، މަޑުޖެހިފައިހުރި ގިނަ މަޝްރޫއުތަކެއް އަލުން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށާއި، ވަކިވަކި މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމުމަށް އިތުރު ހިތްވަރާއެކު ގުޅިގެން މަސައްކަތްކުރުމަށް ރައީސް ވަނީ ބާރުއެޅުއްވާފައެވެ.

ރަށްރަށުގައި ފެށިގެން ކުރިއަށްދާ ގިނަ މަޝްރޫއުތަކެއް މަޑުޖެހިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ޝަކުވާ ކުރަމުންދާއިރު، ސަރުކާރުން ބުނަމުންދަނީ މަޝްރޫއުތައް ލަސްވާން ދިމާވި މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުން ކަންކަން ރާވައި ހިންގާފައިވާ ގޮތް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް