ގާނޫނާއި ގަވައިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމާއި، ހުއްދަ ނެތި ބޭންކިން ހިދުމަތް ދިނުން ހުއްޓުވުމަށް ފުލުހުންގެ ޓާސްކް ފޯހަކާއި އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފިއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ދިން ގޮތުގައި، މިއީ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަންގެ ދަށުން ސީރިއަސްކޮށް ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހިންގުނު ހަރަކާތެކެވެ. މިގޮތުން ހިންގުނު ރެއިޑްތަކުގައި ހަތަރު ބިދޭސީއަކާއި ދިވެއްސެއްގެ އިތުރުން، ވިޔަފާރިކުރާ ފިހާރައަކާއި ބިދޭސީއަކު ދިރިއުޅޭ ތަނެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ، މިވަގުތަށް މިއަށްވުރެ އިތުރު ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށް ފުލުހުން ބުނެފައިވެ.
މިފަދަ ގާނޫނާ ހިލާފު އަމަލުތައް ހިންގާ ފަރާތްތައް ހޯދުމަށް ފުލުހުންގެ ޓާސްކްފޯހުން އެއްކޮށްފައިވާ މައުލޫމާތުތައް އިތުރަށް ތަހުލީލުކޮށް ދިރާސާކުރިއިރު، ވަރަށް ކަންބޮޑުވާ ފަދަ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި:
-
ބިދޭސީންގެ ނުފޫޒު: އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި، އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ނަމެއްގައި ހުރ ނަމަވެސް، ސީދާ އެކަންކަން އިސްވެ ހިންގަމުންދަނީ ބިދޭސީން ކަމަށްވުން.
-
ދިވެހިންގެ އެކައުންޓްތައް ނަގައިގެން ބޭނުންކުރުން: ގާނޫނާ ހިލާފު އަމަލުތަކުން ހޯދާ ގިނަ އަދަދެއްގެ ފައިސާ ދައުރުކޮށް، އެކި މުއާމަލާތް ކުރުމަށްޓަކައި ދިވެހިންގެ ބޭންކު އެކައުންޓްތައް ބިދޭސީންނާ ހަވާލުކޮށްފައި ހުންނަކަން ފާހަގަވެފައިވުން.
މިފަދަ ކަންކަމުގެ ނުރައްކާތެރިކަމަށް އަލިއޅުވާލަމުން ފުލުހުން ވަނީ ވަރަށް ހަރުކަށި އިންޒާރެއް ދީފަ އެވެ. އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއް، އެހެން ފަރާތަކުން ހިންގާ ގާނޫނާ ހިލާފު އަދި ނުގާނޫނީ އަމަލުތަކަށް މަގުފަހިވާ ގޮތަށް ދޫކޮށްލުމަކީ، އެ އެކައުންޓެއްގެ ވެރިމީހާ ސީދާ އެ ކުށުގެ ބައިވެރިއަކަށް ވެގެންދާނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެފަދަ ފަރާތްތަކުގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އިންޒާރުދީފައިވެ އެވެ.
މިހާތަނަށް އައިއިރުވެސް ގާނޫނާއި ގަވައިދާ ހިލާފަށް ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މައްސަލަތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، މި މައްސަލަތަކުގައި މުޅިން ހެން އަތުލައިގަނެވި ހައްޔަރުކޮށްފައިވަނީ ބިދޭސީންނެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން އަމިއްލަ ބޭންކު އެކައުންޓްތައް މިފަދަ ނުގާނޫނީ ކަންކަމަށް ބޭނުންކުރުމުގެ ފުރުސަތު ނދިނުމަށާއި، މިފަދަ ކަންކަމުން އެއްކިބާވެ ތިބުމަށް ފުލުހުން ވަނީ އާންމުންނަށް ނަސޭހަތްތެރިވެފަ އެވެ.





