އެކްސިޑެންޓްވި ސީންގައި ފުލުހުން ހަރަކާތްތެރިވަނީ --

ރޭ ދަންވަރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޖުމްލަ ފަސް މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2:55 އެހައިކަންހާއިރުއެވެ. އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދި އަނެއް ދެ މީހުންވެސް އައިޖީއެމްއެޗަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވަމުންދާތީ، އެއްގަމު އުޅަނދުފަހަރު ނުރައްކާތެރިކޮށާއި ފަރުވާކުޑަކޮށް ދުއްވުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ފާސްކުރި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އަމަލުކުރަން މި މަހު ވަނީ ފަށާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް