ރައީސް ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާން ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ "އަދަދު" ނޫހުން ފެތުރި ޚަބަރު އެ އޮފީހުން ދޮގުކުރައްވައިފިއެވެ.

ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ "އެސެޓް ޑެކްލެރޭޝަން" އަކީ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ކޮންމެ ބޭފުޅަކަށްވެސް ޕީޑީއެފް ފޯމެޓްގައި ފަސޭހައިން ޑައުންލޯޑް ކުރެވޭ ގޮތަށް އާންމުކޮށްފައިވާ މައުލޫމާތެއް ކަމަށެވެ. އަދި ސިޔާސީ މަގުސަދެއްގައި "އަދަދު" ނޫހުން ފަތުރަމުންދާ މިފަދަ ދޮގު މައުލޫމާތުތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމުގައި ފަސްނުޖެހޭނެ ކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރުގެ މޭ މަހުގެ މެދުތެރޭގައި އާންމުކުރި ރައީސްގެ މާލީ ބަޔާނުގައިވާ ގޮތުން، ފާއިތުވި 6 މަސްދުވަހު މުސާރައިގެ ގޮތުގައި އެމަނިކުފާނަށް 285،024 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އަދި ހުޅުމާލެ ރޯހައުސް ކުލީގެ ގޮތުގައި 240،000 ރުފިޔާ އާއި އާއިލާގެ ފަރާތުން ހަދިޔާގެ ގޮތުގައި 180،000 ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނުގެ ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާއާއި، ދައްކަންޖެހޭ ލޯނުގެ އިތުރުން މިލްކިއްޔާތުގައިވާ އިމާރާތްތަކާއި ކާރުގެ މައުލޫމާތުވެސް އެ ބަޔާނުގައި ހިމަނުއްވާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް