ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ ކަމަށްވާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސެބިލިޓީސް" ގެ އިހުތިޔާރީ ޕްރޮޓޮކޯލް (ސީއާރުޕީޑީ) ގައި ރާއްޖޭން ބައިވެރިވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.
ދިވެހިރާއްޖެއިން މި މުއާހަދާގެ އަސާސީ ބައިގައި 2010 ވަނަ އަހަރުގެ އެޕްރީލް މަހުގެ 25 ވަނަ ދުވަހު ބައިވެރިވެފައިވީ ނަމަވެސް، މިއަދު މި ހުށަހަޅާފައިވަނީ އެ މުއާހަދާގެ އިހުތިޔާރީ ޕްރޮޓޮކޯލްގަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މި ޕްރޮޓޮކޯލްގައި ބައިވެރިވެ، އދ. ގެ ޑިޕޮސިޓަރީއަށް "އިންސްޓްރުމަންޓް އޮފް އެކްސެޝަން" ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ. މި ޕްރޮޓޮކޯލްގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ ކަމަށް އެ މުއާހަދާގައި ބަޔާންކުރާ ހައްގުތަކެއް ގެއްލިއްޖެ ހާލަތެއްގައި ނުވަތަ އެފަދަ ހައްގުތަކާ ހިލާފުވުމުގެ ސީރިއަސް މައްސަލަތައް ދިމާވާ ހާނަތުގައި، އދ. ގެ ކޮމިޓީއަށް އެ މައްސަލަތައް ހުށަހަޅައިގެން ބެލުމުގެ ފުރުސަތާއި، ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ތެރެއިން ޖަވާބުދާރީކުރުވުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ އެވެ.
ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ދިވެހި ދައުލަތުގެ ނަމުގައި ބައިނަލްއަގުވާމީ ކޮންމެ މުއާހަދާއެއްގައި ނުވަތަ ޕްރޮޓޮކޯލެއްގައި ބައިވެރިވެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ލިބިގެން ކަމަށްވާތީ، ރައީސް ވަނީ މިކަމުގައި މަޖިލީހުން ދެކޭގޮތް ފާޅުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު އިއްވެވުމަށްފަހު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަނީ މި މައްސަލަ އިތުރަށް ފުންކޮށް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ. މި ޕްރޮޓޮކޯލް ފާސްވުމަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ 15،000 އަށް ވުރެ ގިނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ލިބިގެންދާނެ އިތުރު ބާރަކަށް ވެގެންދާނެ އެވެ.





