ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކާއެކު ވިޔަފާރިކުރި މައްސަލައިގައި 109 އަހަރަށް ޖަލަށް ލުމަށާއި ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ހުސެއިން ޝިފާއު، ބޭސްފަރުވާއަށް ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޝިފާއު ގޭބަންދަށް ދޫކޮށްފައި ވަނީ ސިއްހީ ފަރުވާ ދިނުމަށްޓަކައި އެއް މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޭނާގެ ހާލަތު ރަނގަޅު ނުވާނަމަ، ގޭބަންދުގެ މުއްދަތު އިތުރުކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޖަލުތަކާ ބެހޭ ގާނޫނާ ހަވާލާދެއްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، ޖަލުގައި ހުރެގެން އެކަށީގެންވާ ބޭސްފަރުވާ ނުދެވޭ ފަދަ ހާލަތްތަކުގައި ނުވަތަ މެޑިކަލް ޕްރޮފެޝަނަލެއްގެ އިރުޝާދުގެ މަތިން ވަކި ފަރުވާއަކަށް އެކްސްޕޯސްކުރުމުގެ ގޮތުން، ކަރެކްޝަނަލް ސާވިސްގެ މޮނިޓަރިންގެ ދަށުން ގައިދީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
ޝިފާއުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލި ޖުމުލަ 23 ދައުވާ ވެސް ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ 109 އަހަރަށް ޖަލަށް ލުމަށާއި ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ. ނަމަވެސް، މި މައްސަލައިގައި ޝިފާއު ލޯންޑާކުރި ކަމަށް ބުނާ 123,000 ޑޮލަރު ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެދެވިފައި ނުވާތީ، އެ ފައިސާ ދައުލަތަށް ނެގުމަށް އަމުރު ނުކުރެވޭނެ ކަމަށް ދަށު ކޯޓުން ނިންމާފައިވެއެވެ.
ޝިފާއުއަކީ މި ސަރުކާރުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ކުރިން އައްޔަންކުރި މީހެކެވެ. ނަމަވެސް ފަހުން ވަނީ ކުއްލިއަކަށް އޭނާ އެ މަގާމުން ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކުރިކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ޔަގީންކޮށްދެއްވި ނަމަވެސް، ވަކިކުރި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.





