ގދ. ތިނަދޫ ސިޓީގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓުގެ 76 އިންސައްތަ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ އެކުވެނި މިނިސްޓްރީން ނިންމާލައިފިއެވެ.
އެ މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މިހާރު އެ ސައިޓުގައި ކުރިއަށްދަނީ ކޮންކްރީޓުގެ އެންމެ ފަހުގެ މަސައްކަތްތަކާއި އިމާރާތްތަކުގެ ފިނިޝިންގް މަސައްކަތްތަކެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއަކީ ޖުމްލަ 254 މިލިއަންރިއަލް (253.9 މިލިއަން ރުފިޔާ / ގާތްގަނޑަކަށް 16 މިލިއަން އެމެރިކާ ޑޮލަރު) ހަރަދުކޮށްގެން ހިންގާ ބޮޑު މަޝްރޫއެކެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން އަދި ސްޓާ ކޮންސްޓްރަކްޝަން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ އަކާއެވެ. ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ތިނަދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 700 އަކަފޫޓުގެ ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރިއާއި، ތިން ފާހާނާގެ އިތުރުން ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރޫމެއް ހިމެނެއެވެ.
މީގެއިތުރުން، މި ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ވަށައިފާރު ރޭނުމާއި، މަގުބައްތި ޖެހުމުގެ އިތުރުން، އާންމުންނަށް ހިތްފަސޭހަކޮށްލެވޭނެ މައިޒާނަކާއި ވެހިކަލް ޕާކުކުރާނެ ހާއްސަ ސަރަހައްދެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު އެއްކޮށް ނިމި ބޭނުންކުރަން ފެށުމުން، ތިނަދޫގެ ގިނަ އާއިލާތަކަކަށް ރައްކާތެރި އަދި ތަނަވަސް ބޯހިޔާވަހިކަމެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.





