ކާރިސާތަކުން ރައްކާތެރިވުމަށް އެމެރިކާއެކު މަސައްކަތްކުރަން ޑިފެންސުން މަޝްވަރާކޮށްފި

ކާރިސާތަކުން ރައްކާތެރިވުމާއި ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ ދާއިރާއިން ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު ސަފޫރާ، އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑުގެ އެޑްޖުޓަންޓް ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޓްރެންޓް ގިބްސަންއާއެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން ކުރިއަށްގެންދާ އަސްކަރީ އަދި ފަންނީ ތަމްރީނުތަކުގެ ފުރުސަތުތައް ފުޅާކުރުމާއި، ކާރިސާތަކަށް މުޖުތަމައު އަހުލުވެރިކުރުވައި އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އައިޝަތު ސަފޫރާ ވަނީ ރާއްޖެއަކީ ތިމާވެށީގެ ގޮތުންނާއި ޖިއޮގްރަފީގެ ގޮތުން ނާޒުކު ގައުމަކަށްވާތީ، ކާރިސާތަކުން އަރައިގަތުމަށް ބޭރުގެ އެހީތެރިކަމާއި ތަޖުރިބާ ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެމެރިކާ ފަދަ ގައުމުތަކުގެ އެހީތެރިކަމާއެކު ރާއްޖޭގެ ދިފާއީ އަދި ސަލާމަތީ ޚިދުމަތްތެރިންގެ ފެންވަރު މަތިކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޓްރެންޓް ގިބްސަން ވަނީ ދިވެހިރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި މޮންޓާނާ ނޭޝަނަލް ގާޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މި ބައްދަލުވުން ނިންމާލާފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ދެމެދުގައި އޮތް ސަލާމަތީ އަދި އިންސާނީ އެހީތެރިކަމުގެ ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް