އެމް.ޓީ.ސީ.ސީ އިން ކުރިއަށްގެންދާ އަރިއަތޮޅު ދެކުނު މަަންދޫ (އޭޑީއެޗް. މަންދޫ) ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި 12 ކްލާސްރޫމް އިމާރާތްކުރުމުގެ މަޝްރޫއުގެ ދަށުން، އިމާރާތުގެ ފައުންޑޭޝަން ފުޓިންގްގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ މަންދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށް، ދަރިވަރުންނަށް އެކަށީގެންވާ ޒަމާނީ ތައުލީމީ މާހައުލެއް ބިނާކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ސީދާ ބިޑިންގ (ޑައިރެކްޓް ސިލެކްޝަން) އުސޫލުންނެވެ. މިއީ ސަރުކާރުގެ ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީގެ ސިޔާސަތުގެ ދަށުން، އަތޮޅުތަކުގެ ސްކޫލްތަކުގެ ވަސީލަތްތައް ފުރިހަމަކުރުމަށް ކުރިއަށްގެންދާ ހާއްސަ އިސްކަމެއް ދެވިފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ 12 ކްލާސްރޫމްގެ އިތުރުން، އެކި ކަހަލަ ހަރަކާތްތަކާއި އިނާމުދިނުމުގެ ރަސްމިއްޔާތުތަކާއި ކުޅިވަރު ހަރަކާތްތައް ބޭއްވޭނެ ފަދަ ބޮޑު މަލްޓިޕާޕަސް ހޯލެއް ގާއިމުކުރެވިގެންދާނެއެވެ. މި އިމާރާތުގެ މަސައްކަތް ނިމުމުން، ސްކޫލުގައި އެއްވަގުތެއްގައި ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ޖާގަ ތަނަވަސްވެ، ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ސައިޓް ތައްޔާރުކުރުމުގެ މަސައްކަތަށްފަހު މިހާރު ކުރިއަށްދަނީ އިމާރާތުގެ ފައުންޑޭޝަން ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ ފުޓިންގް މަސައްކަތްތަކެވެ.
މަޝްރޫއުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިމާރާތް ނިންމައި އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރުމަށް އެ ކުންފުނިން އަންނަނީ ނުހަނު އިސްކަމެއްދީގެން މަސައްކަތް ކުރަމުންނެވެ.





