ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ހާއްސަ މަސައްކަތު ބައްދަލުވުމެއް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވައިފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ ތަފްސީލުތައް ހިއްސާކޮށް، އެ މަސައްކަތްތައް ތަންފީޒުކުރުމުގެ ދުވެލި އިތުރަށް ހަލުވިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެކި ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ވަޒީރުންނާ ހިއްސާކުރައްވާފައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މެދުއިރުމަތީގެ މަޝްރަހަށް އައި ބަދަލުތަކާ ގުޅިގެން ތަކެތި ހޯދުމުގައި ދިމާވި ދަތިތަކަށް މިހާރު ހައްލުތަކެއް ހޯދިފައިވާކަން ފާހަގަކުރައްވައި، ރައީސް މުއިއްޒު ވަނީ މަޑުޖެހިފައިވާ މަޝްރޫއުތައް އަލުން ބާރުދުވެލީގައި ކުރިއަށްގެންދިއުމަށް އިރުޝާދު ދެއްވާފައެވެ.
އެމަނިކުފާނު އިތުރަށް އެދިވަޑައިގެންނެވީ، ކަނޑައެޅިފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމަށްޓަކައި އެންމެން ގުޅިގެން، އިތުރު ހިތްވަރާއެކު މަސައްކަތްކުރެއްވުމަށެވެ.





