އަބުޗާ ދޫކޮށްލަން ނިންމި ޕެރޯލް ބޯޑުގެ 6 މެންބަރަކު ވަކިކޮށްފި

އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ވަކި ޝަރުތުތަކަކާއެކު އަބުޗާ ޖަލުން ދޫކޮށްލަން ޕެރޯލް ބޯޑުން ނިންމީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، މި މައްސަލައިގެ މައުލޫމާތު މިނިސްޓްރީއަށް ލިބުމާއެކު އެކަން ހިނގައިދިޔަ ގޮތް ވަނީ ވަގުތުން ބަލައި ދިރާސާކޮށްފައެވެ.

އެ މުރާޖާއާއިން ފާހަގަކުރެވުނީ ޕެރޯލް ބޯޑުގެ ނިންމުމުގައި ގާނޫނުގެ ތެރެއިން ބަލަންޖެހޭ މުހިންމު ކަންތައްތަކެއް އެކަށީގެންވާ ގޮތެއްގައި ބެލިފައި ނުވާ ކަމެވެ.

އެހެންކަމުން، އެ ނިންމުން އަލުން ރީކޮންސިޑާކޮށް (މުރާޖާއާކޮށް) ދިނުމަށް ޕެރޯލް ބޯޑަށް އަންގަވާފައިވާނެ ކަމަށާއި، އެ ނިންމުމުގައި ބައިވެރިވި ބޯޑުގެ ހަ މެންބަރުން މަގާމުން ވަކިކުރަން ފިޔަވަޅު އަޅުއްވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް