ޕެރޯލްގެ ދަށުން ދޫކޮށްލި އަބުޗާ އަލުން ހައްޔަރުކޮށްފި

އައްޑޫ ސިޓީއަށް އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ ސ. ހިތަދޫ، އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަންކޮށްފައި ވަނިކޮށް، އެ ނިންމުން ބަދަލުކޮށް އަލުން ހައްޔަރުކޮށްފިއެވެ.

އަބުޗާ ހައްޔަރުކުރިކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. މިނިސްޓަރު ވިދާޅުވީ، ޕެރޯލް ބޯޑުން ވަކި ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލަން ނިންމާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް، އެ ނިންމުން މުރާޖާއާކޮށް، އޭނާ އަލުން ޖަލަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

އަބުޗާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އޮކްޓޯބަރު 2020 ގައި ކަނޑުމަތިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، 61 ކިލޯގެ ޑައަމޯފިން އާއި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓްއާއެކު އޭނާ އަތުލައިގަތް މައްސަލައިގައެވެ. މިއީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ހިންގި އެންމެ ބޮޑު އެއް މަސްތުވާތަކެތީގެ އޮޕަރޭޝަން ކަމަށްވާއިރު، އެ ފަހަރު އޭނާއާއެކު ޖުމްލަ 17 މީހަކު ހައްޔަރުކުރިއެވެ. މި މައްސަލައިގެ ޝަރީއަތްތަކަށްފަހު ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް އިއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ.

ޕެރޯލްއަކީ ޖަލު ހުކުމް ތަންފީޒުކުރަމުންދާ ކުށްވެރިއަކު، އޭނާގެ ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން ވަކި ހާއްސަ ޝަރުތުތަކަކާއެކު މުޖުތަމައަށް ދޫކޮށްލުމަށް ގާނޫނުން ދީފައިވާ ފުރުސަތެކެވެ. ނަމަވެސް، އެ ޝަރުތުތަކާ ހިލާފުވުން ނުވަތަ ކަމާބެހޭ މުއައްސަސާތަކުން އެ ނިންމުން ބަދަލުކޮށްފިނަމަ، އެ މީހަކު އަލުން ބާކީ އޮތް ޖަލު ހުކުމް ތަންފީޒުކުރުމަށް ޖަލަށް ގެންދަންޖެހެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް