ނ. މަނަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ނަވީޒް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު އެވެ.
ޖުމްލަ 2.2 މިލިއަން ރުފިޔާއަށް ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން ބިންގަނޑު ކޮނުމާއި، ކޮންކްރިޓް ކުރުމާއި، ވެލްޑިންގެ އިތުރުން ކަރަންޓު ވަޔަރިންގގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް 120 ދުވަސް ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.

އާބާދީގައި ގާތްގަނޑަކަށް 3,000 މީހުން ދިރިއުޅޭ ނ. މަނަދޫއަކީ ނޫނު އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވުމުން، އެކި ކަހަލަ ހިދުމަތްތައް ހޯދުމަށް އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންވެސް ބަރޯސާވާ މުހިންމު މަރުކަޒެކެވެ.
މީގެ އިތުރުން، އަތޮޅު ފެންވަރުގެ ގިނަ ކުޅިވަރު މުބާރާތްތަކެއްވެސް ބާއްވާ މި ރަށަކީ ފުޓްބޯޅައަށް ބޮޑު ތަރުހީބެއްދޭ ޒުވާނުންތަކެއް ދިރިއުޅޭ ރަށެކެވެ. އެހެންކަމުން ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރެވިގެން ދިއުމަކީ، ރޭގަނޑު ގަޑިތަކުގައިވެސް ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިވެ، ރަށުގެ އިޖުތިމާއީ އަދި ކުޅިވަރުގެ ހަރަކާތްތަކަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމެކެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ވޭތުވެދިޔަ 45 އަހަރު ތެރޭގައި ރާއްޖޭގެ އުމްރާނީ ތަރައްގީގައާއި އިޖުތިމާއީ ވަސީލަތްތައް ގާއިމުކުރުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ އެއް ކުންފުންޏެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ އެމްޓީސީސީން އަންނަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދަމުންނެވެ.





