ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ އަމާން އުދަރެސް ފްލެޓްތަކުގެ ތެރެއިން 8 ވަނަ ޓަވަރުގެ އުސް ފަންގިފިލާއަކުން ޒުވާނަކު ވެއްޓި، ނިޔާވެެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 14:26 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު، ސީންގައި ފުލުހުންގެ ޚާއްޞަ ޓީމަކުން ހަރަކާތްތެރިވާން ފަށާފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންގެ އިބްތިދާއީ ތަހުގީގަށް އެނގިފައިވާ ގޮތުގައި، އެ ޒުވާނާ ވެއްޓިފައިވަނީ އެ އިމާރާތުގެ 15 ވަނަ ފަންގިފިލާއިންނެވެ.
ހާދިސާ ހިނގި ސަރަހައްދުން އެ ޒުވާނާ ނަގައިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.
އުސް އިމާރާތްތަކުން މީހުން ވެއްޓުމުގެ ހާދިސާތައް މަދުން ނަމަވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގަމުންދާއިރު، މިއީ އާންމުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ ކަމެކެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އޭނާ ވެއްޓުނީ ނުވަތަ ވައްޓާލީ ކިހިނެއްކަން ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ ސީންގެ ފޮރެންސިކް ތަހުގީގުތައް ހިންގައި، އިތުރަށް މައްސަލަ ތަހުގީގު ކުރަމުންނެވެ.





