ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ގދ. ގައްދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ހުކުމްކޮށްފައިވަނީ ގދ. ގައްދުއަށް ނިސްބަތްވާ އަލީ ޝަޒީނުގެ މައްޗަށެވެ. މިއީ ގދ. ގަމުގައި އޭނާ ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށްގެން އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވުނު މައްސަލައެކެވެ. ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ސެޕްޓެމްބަރު 1، 2021 ގައި ފޮނުވުމުން އޭނާގެ މައްޗަށް ދެ ދައުވާއެއް ކުރިއެވެ. އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. ކޯޓުން ވަނީ މި ދެ ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.





