މިދިޔަ އާދީއްތަ ދުވަހުގެ ރޭ މެލޭޝިއާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ނިޔާވި އައްޑޫ ހިތަދޫ، އުމުރުން 22 އަހަރުގެ އާމިނާ އިމީލީ ނާޒިމްގެ ޖަނާޒާ މިއަދު ބޭއްވުމަށް އާއިލާއިން ނިންމައިފި އެވެ.
އިމީލީގެ ކަށުނަމާދު އޮންނާނީ މިއަދު މަޣްރިބް ނަމާދަށްފަހު މެލޭޝިއާގެ ސުބަންގް ޖާޔާގެ މޮސްކް އަލް އިސްޔާދު އެންޑް މުސްލިމް ސިމެޓްރީގައެވެ.
މެލޭޝިއާގެ ޓޭލާސް ޔުނިވަސިޓީގައި ކިޔަވަމުންދިޔަ އިމީލީ ނިޔާވި އެކްސިޑެންޓް ހިނގާފައިވަނީ އިތުރު ދަރިވަރަކާއެކު ޝޮޕިން މޯލްއަކަށް ގޮސް އެނބުރި ގެއަށް ދިޔަ މަގުމަތީގައެވެ. މެލޭޝިއާގެ ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، ހާދިސާ ހިނގި އިރު މަސްތުގެ ހާލަތުގައި ހުރި 37 އަހަރުގެ ޓެކްސީ ޑްރައިވަރު ވަނީ ހައްޔަރުކޮށްފައެވެ.





