ރާއްޖެއަށް ޕާސްޕޯޓުގެ އާ ސްޓޮކެއް ލިބި، އަންނަ ހަފުތާގެ ތެރޭގައި ޕާސްޕޯޓު ދޫކުރުމުގެ މުޅި އޮޕަރޭޝަން އާންމު ހާލަތަށް އަންނާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
ޕާސްޕޯޓު ބުކްލެޓް ސްޓޮކް ދަތިވުމުގެ ސަބަބުން ދިމާވި މައްސަލަތަކާ ގުޅިގެން، މިވަގުތު އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރަމުން ދަނީ އެމެޖެންސީ ހާލަތްތަކުގައިވާ ފަރާތްތަކަށް އެކަނި އިސްކަންދީގެންނެވެ. ނަމަވެސް އަންނަ ހަފުތާގައި އާ ސްޓޮކް ލިބުމާއެކު އާންމު އުސޫލުން ޕާސްޕޯޓުގެ ޚިދުމަތް ދޭން ފެށޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މީގެ ކުރިން މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އިމިގްރޭޝަނުން ބުނެފައިވަނީ އާ ޕާސްޕޯޓު ސްޓޮކެއް ރާއްޖެއަށް ލިބުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ. އެއާއެކު އިމިގްރޭޝަނުން ދިން މުއްދަތު މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
ސްޓޮކް ދަތިވުމާ ގުޅިގެން އެޅި ވަގުތީ ފިޔަވަޅުތައް:
-
ޕާސްޕޯޓުގެ މުއްދަތު އިތުރުކުރުން: އާ ޕާސްޕޯޓެއް ހެއްދުމަށް އެދޭ މީހުންނަށް، އެއްވެސް ފީއަކާ ނުލައި މިހާރު ބޭނުންކުރާ ޕާސްޕޯޓުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްދިނުން.
-
އެމެޖެންސީ ޕާސްޕޯޓު ދޫކުރުން: އިންޑިއާ އަދި ސްރީލަންކާ ފަދަ އާންމުކޮށް ކުރު މުއްދަތަކަށް ދަތުރުކުރާ ގައުމުތަކަށް ފުރާ މީހުންގެ ތެރެއިން އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކަށް، އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ އެމެޖެންސީ ޕާސްޕޯޓެއް ދޫކުރުން.
ޕާސްޕޯޓު ޕްރިންޓުކުރުމަށް ބޭނުންކުރާ ބުކްލެޓް ގެނައުމުގައި ދިމާވި ތަފާތު ލަސްތަކާ ގުޅިގެން، އިމިގްރޭޝަނުން އީ-ޕާސްޕޯޓު ދޫކުރުން މެދުކަނޑާލާފައިވަނީ މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އަންނަ ހަފުތާގައި އާ ސްޓޮކް ލިބުމާއެކު، މެދުކަނޑާލާފައިވާ ޚިދުމަތްތައް އަލުން އާންމު އުސޫލުން ލިބެން ފަށާނެއެވެ.





