ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ސައިބާ ހަމަލާތައް ދޭތީ ސަމާލުވާން އިލްތިމާސްކޮށްފި

ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތައް ފޮނުވައިގެން ސައިބާ ހަމަލާތައް ދެމުންދާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުންގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓަރުކުރި ކަންކަމުން ފާހަގަވެފައިވާ ގޮތުގައި، އިތުބާރުކުރެވޭ އިދާރާތަކުގެ ނަމުގައި ފޮނުވާ މި ފިޝިން އީމެއިލްތަކުގައިވާ ލިންކުތަކާއި ފައިލްތައް މެދުވެރިކޮށް ޔޫސަރނޭމް އާއި ޕާސްވޯޑް ފަދަ މައުލޫމާތު ހޯދައި، ސިސްޓަމްތަކަށް ހުއްދަނެތި ވަނުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

މި ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ސައްހަކަން ޔަގީންނުވާ ލިންކުތަކާއި އެޓޭޗްމަންޓްތައް ނުހުޅުވުމަށާއި، މަލްޓި-ފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޝައްކުކުރެވޭ ފައިލެއް ހުޅުވިއްޖެނަމަ ވަގުތުން ކޮމްޕިއުޓަރު ނެޓްވޯކުން ވަކިކޮށް، އޮފީހުގެ އައިޓީ ޓީމަށް ރިޕޯޓްކުރުމަށް ފުލުހުން އިރުޝާދު ދެއްވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް