އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އައްޔަންކޮށްފިއެވެ.
މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެގްރޯނެޓްގެ އެމްޑީގެ މަގާމަށް ސިނާން އައްޔަންކުރީ މިފްކޯގެ ބޯޑު ބައްދަލުވުމުގައެވެ. މީގެ އިތުރުން އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް ވަނީ އައްޔަންކޮށްފައެވެ.
ސިނާންއަކީ ޕީއެންސީގެ ޓިކެޓުގައި މަޖިލީހުގައި ދައުރު އަދާކުރައްވަނިކޮށް، ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުން ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ބޭފުޅެކެވެ. އޭގެފަހުން ބައި-އިލެކްޝަނަށް ވާދަކުރަން ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް ފަހުން ވަނީ އެ ފުރުސަތު ދޫކޮށްލައްވާފައެވެ. 2020 ގައި އުފެއްދި އެގްރޯނެޓަކީ މި ސަރުކާރުން ކުރިން އުވާލަން ނިންމާފައިވާ ކުންފުންޏެކެވެ.





