މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ސްކޫލް ކުދިންނަށް ޚާއްޞަ "ސްކޫލް ފްރެންޑްލީ" ބަސްތަކެއް ތައާރަފްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މާލޭގެ މަގުތަކުގެ 82 އިންސައްތަ މިހާރު އޮތީ ވެހިކަލްތަކުން ތޮއްޖެހިފައި ކަމަށާއި، މިހާތަނަށް މާލެ ސަރަހައްދުގައި 130،806 ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 14،911 ކާރާއި 115،895 ސައިކަލު ހިމެނެއެވެ.
މާލޭގައި ޖާގަ އިތުރަށް ބޮޑުކުރެވެން ނެތުމާއެކު، ސަރުކާރުގެ މައިގަނޑު އަމާޒަކީ މާލެއަކީ ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނަކަށް ހަދައި، މަސްް ޓްރާންސްޕޯޓަށް ބަރޯސާވާ މިންވަރު އިތުރުކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަސައްކަތްތައް ހަރުދަނާކުރުމަށް ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ޚާއްޞަ މިނިވަން އޮފީހެއް ޤާއިމުކޮށް، މިހާރު އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ފޭސް ދޭކުން ވެލަނާގެ ސަރަހައްދަށާއި ގްރީން ޒޯންތަކަށް ވަކި ގަޑިތަކެއްގައި ދަތުރުކުރާ ބަސްތަކެއް ތައާރަފްކުރުމަށް ވެސް ވަނީ ރޭވިފައެވެ.
މާލޭގެ ބޭރު މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ރިންގް ރޯޑުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާކަން ފާހަގަކުރައްވަމުން، ޓްރެފިކް ލައިޓް ހަރުކުރުމާއި، މަގުމަތީގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކުރުމާއި، އަދި މާސް ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭންގެ ދަށުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރޭވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ހުރިހާ ކަމަކީވެސް ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަކަށް، ރޭވުންތެރިކަމާއެކު ކުރިއަށްގެންދާ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.





