މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރު، އައްޑޫ ސިޓީ ހިތަދޫ، އާމިނާ އިމީލީ ނާޒިމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުން މެދުތެރެއިން ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ ޓެއިލާސް ޔުނިވަސިޓީގައި ތައުލީމު ހާސިލުކުރަމުންދިޔަ އުމުރުން 22 އަހަރުގެ އިމީލީ ނިޔާވީ، ކުއަލަލަމްޕޫރުގައި ވިޔަފާރިކުރުމަށްފަހު ގްރެބް އެޕްލިކޭޝަން މެދުވެރިކޮށް ކާރެއްގައި ގެއަށް ދަތުރުކުރަމުންދަނިކޮށް ދެ ކާރު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. މި ހާދިސާގައި ކާރު ފުރޮޅާލައި، ލިބުނު ބޮޑެތި އަނިޔާތަކާއެކު އެ ދަރިވަރު ވަނީ އެކްސިޑެންޓުވި ސަރަހައްދުގައި ނިޔާވެފައެވެ.
މި ހިތާމަވެރި ހާދިސާ ހިނގިއިރު އިމީލީއާއެކު ކާރުގައި އިތުރު ދިވެހި އަންހެން ދަރިވަރަކު ވެސް އިނެވެ. ނަމަވެސް ﷲގެ ރަޙްމަތުން އެ ކުއްޖާއަށް ބޮޑު އަނިޔާއެއް ލިބިފައިނުވި ނަމަވެސް، ލިބުނު ޝޮކާއި ފަޔަށް ލިބުނު ކުދި އަނިޔާތަކާ ގުޅިގެން ޑޮކްޓަރުގެ އެހީތެރިކަން ވަނީ ހޯދާފައެވެ. މި ދަތުރަކީ މޯލްއަކަށް ގޮސްފައި އެކުވެރި ދަރިވަރުން އެކުގައި ގެއަށް އެނބުރި ދިޔުމަށް ކުރި ދަތުރެކެވެ.
މި ހިތާމަވެރި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި، މަރްޙޫމާ އިމީލީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރައްވާފައިވެއެވެ. މެލޭޝިއާއަކީ ދިވެހި އެތައް ހާސް ދަރިވަރުންނެއް މަތީ ތައުލީމު ހާސިލުކުރުމަށް ދިރިއުޅެމުންދާ ޤައުމަކަށްވާއިރު، މިފަދަ ހިތާމަވެރި ހާދިސާތަކަކީ މުޅި ދިވެހި މުޖުތަމައަށް ފުން ހިތާމައެއް ލިބިގެންދާ ކަންކަމެވެ.





