މުދައްރިސުންނަށް ފުރިހަމަ އެއްބާރުލުން ދީގެން ނޫނީ ޤައުމުގެ ބިންގާ ވަރުގަދައެއް ނުކުރެވޭނެ: ރައީސް

ޤައުމެއްގެ ބިންގާ ވަރުގަދަކުރުމަށްޓަކައި މުދައްރިސުންނަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދިނުމަކީ ކޮންމެހެން ބޭނުންކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު  ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ހަލުވިކަމާއެކު ބަދަލުވަމުންދާ މި ޒަމާނީ ދުނިޔޭގައި ދަރިވަރުންގެ މުސްތަޤުބަލު އުޖާލާކޮށް ބައްޓަންކުރުމުގައި މުދައްރިސުން އަދާކުރަނީ މުޅި ޤައުމުގެ ކުރިމަގާ ސީދާ ގުޅިފައިވާ އެންމެ މުހިންމު އެއް ދައުރެވެ.

ރައީސް ވިދާޅުވީ އެ ބޭފުޅުން ޤައުމުގެ ހެވަށްޓަކައި އުފުއްލަވާ ބުރަ މަސައްކަތާއި، ވެވަޑައިގަންނަވާ ޤުރުބާނީތަކުގެ އިތުރުން ޅަދަރިންގެ ހިތްތަކުގައި ބަހައްޓަވާ ތަޢުލީމީ އަދި އަޚްލާޤީ އަސަރުތަކުގެ އަގު ވަޒަންކުރައްވައި، އިޚްލާޞްތެރި ޝުކުރެއް އަދާކުރެއްވިއެވެ. އަދި މުދައްރިސުންނަށް އެންމެ ފުރިހަމަ މާޙައުލެއް ޤާއިމުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް އޮތް ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވަމުން، މި ސަރުކާރުން މުދައްރިސުންގެ ދުޅަހެޔޮކަމާއި ވެލްފެއާގެ ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެ އިތުރުން، ޒަމާނީ ތަޢުލީމީ ނިޒާމެއްގެ ދަށުން އެންމެން ޝާމިލުވާ ތަޢުލީމީ ސިޔާސަތު (އިންކްލޫސިވް އެޑިއުކޭޝަން) އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށާއި، މަސައްކަތުގެ މާޙައުލުގައި މުދައްރިސުންނަށް ދިމާވާ ގޮންޖެހުންތައް ކުޑަކޮށް، މަސައްކަތުގެ ބުރަ ލުއިކޮށްދިނުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މުދައްރިސުންނަށް އެއްބާރުލުން ދީގެން މެނުވީ، އަޅުގަނޑުމެންގެ ދަރިންނާއި މުޅި ޤައުމު ބިނާވާނެ ވަރުގަދަ ބިންގަލެއް ނޭޅޭނެ،" މިހެން ވިދާޅުވެ ރައީސް ވަނީ ކިޔަވައިދިނުމުގެ ދާއިރާއަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، އެ ދާއިރާގެ އަގުވަޒަންކުރުމުގައި މަތީ ދެމިތިބުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ. ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ ކިބައިގައިވާ އެންމެ ފުރިހަމަ ހުނަރާއި ޤާބިލުކަމަށް ވާސިލުވުމުގެ ފުރުޞަތު ފަހިކޮށްދެވޭނެ ފަދަ ޤާބިލު، އަދި އެހީތެރި މާޙައުލެއް ޤާއިމުވެފައިވާ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް