ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ރުފިޔާއަށް މާރުނުކޮށް، ޑޮލަރުން ދިނުން ލާޒިމްކުރުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ސިޓީއަކުން އެދިވަޑައިގެންފައެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި އިސްލާހުގައި ވަނީ، ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ ރުފިޔާއަށް މާރުނުކޮށް ފަތުރުވެރިންގެ އަތުން ނެގި ބާވަތަކުން (ޑޮލަރުން) މުވައްޒަފުންނަށް ދިނުމަށާއި، ވަގުތީ އަދި ތިންވަނަ ފަރާތެއް މެދުވެރިކޮށް މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ތަފާތުކުރުމެއް ނެތި ސާވިސް ޗާޖު ދިނުން ލާޒިމްކޮށްފައެވެ.
މި އިސްލާހުގެ ފުރަތަމަ ކިޔުން ފެބްރުއަރީ މަހު އިއްވުމަށްފަހު، އޭޕްރީލް މަހު މަޖިލީހަށް ބަލައިގަނެ މިހާރު އޮތީ ކޮމެޓީ މަރުހަލާގައެވެ. ރިސޯޓުތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމްކުރި ފަހުން މުވައްޒަފުންނަށް ރުފިޔާއިން ސާވިސް ޗާޖު ދޭ މައްސަލައިގައި ކަންބޮޑުވުންތައް އިތުރުވެފައިވާތީ، މެންބަރު ކުޑޫ ވަނީ ކޮމެޓީ މަރުހަލާ އަވަސްކޮށް މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމައިދިނުމަށް އެދިވަޑައިގެންފައެވެ.





