ހުޅުމާލޭގައި ތަރައްގީކުރަން ފެށި ކޭޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ގަނެގެން ބޮޑެތި ގެއްލުންތަކެއް ލިބުނު މީހުންގެ ފަރާތުން، އިންސާފު ހޯދުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ގެއްލުން ލިބުނު މީހުން ތަމްސީލުކުރާ އެޑްވޮކެސީ ޗެމްބާޒްއިން ބުނި ގޮތުގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެއްބާރުލުން ނުލިބުމާއި، ތަން ތަރައްގީކުރި ކުންފުނި ވުޖޫދުން ގެއްލިފައިވުމުގެ ސަބަބުން ސުލްހަވެރި ހައްލެއް ހޯދުމުގެ މަގު ވަނީ ބަންދުވެފައެވެ.
މި މައްސަލައިގައި އޮޅުވާލައިގެން އެއް އެޕާޓްމަންޓެއް ދެތިން މީހުންނަށް ވިއްކުމާއި، މަނީ ލޯންޑަރިން އަދި ޓެކުމުގެ ކުށް ސާބިތުވެ، ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 397 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އަދި ބައިވެރިވި ޖައިޝާން ސައީދުގެ މައްޗަށް 159 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.
ޖިނާއީ ހުކުމްތަކެއް އައި ނަމަވެސް، އެޗްޑީސީން އާރުޑީސީއާ ހަވާލުކޮށްގެން ނިންމި އެޕާޓްމަންޓްތައް ހަވާލުކުރަމުންދަނީ އަސްލު އެއްބަސްވުމުގައިވާ ގިނަ ކަންތައްތަކެއް އުނިކޮށްގެން ކަމަށްވާތީ، އެޕާޓްމަންޓްތަކުގެ ވެރިންގެ މާލީ އަދި ނަފްސާނީ ކަންބޮޑުވުންތައް އަދިވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.





