ފެނުގެ ޚިދުމަތުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް ފެނަކައިގެ އަތުން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް ބަދަލުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން އެމްޑީ ހުސައިން ފަހުމީ ސޮއިކުރެއްވިއިރު، ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ މުހައްމަދު އަފީފް ހަސަންއެވެ.
އަންނަ މަހުގެ 13 ގެ ކުރިން ބަދަލުވުމުގެ މަސައްކަތްތައް ނިންމައި، އެމްޑަބްލިއުއެސްސީން ފުވައްމުލަކާއި އައްޑޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭން ފަށާނެއެވެ. މިއީ ދައުލަތުގެ ޚަރަދު ކުޑަކޮށް، ކުންފުނިތައް ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. އެގޮތުން ފެނަކަ އުވާލައި، ކަރަންޓުގެ ޚިދުމަތް ސްޓެލްކޯއަށް އަދި ފެނުގެ ޚިދުމަތް އެމްޑަބްލިއުއެސްސީއަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
ދެ ސިޓީގައިވެސް ފެން މެދުކެނޑުމާއި ބޯފެން ނުސާފުވުމުގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އެމްޑަބްލިއުއެސްސީއަށް ބަދަލުވުމާއެކު މިކަމަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.





